Tuesday, October 13
މާދޫގެއިން 824 ފުޅި ބަނގުރާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި

މާލޭގެ ކަރަންކާ މަގުގައި ހުންނަ ހ. މާދޫގެއިން 824 ފުޅި ބަނގުރާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 25 އަހަރުގެ އެމްޑީ ރަކިބް ހޮސެން، 43 އަހަރުގެ ޕޮލިން އަދި 34 އަހަރުގެ އަލް އަމީންއެވެ.

ކޯޓުން އެމްޑީ ރަކިބް ހޮސެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަނެއް ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ. އެ މީހުންނަށް ބަންދު ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މާދޫގޭގެ އެއްވަނަ ފަންގިފިލާއިން 320 ފުޅި ބަނގުރާ ފެނިފައިވާއިރު، ފަސްވަނަ ފަންގިފިލާއިން 504 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ބަލައިފާސްކޮށްފައެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި އިއްޔެ ހެނދުނު ދެ ބިދޭސީއަކު ހައްޔަރުކުރިއިރު، އޭގެ ފަހުން އިތުރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު