Monday, October 12
މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ: މިނިސްޓަރު އަމީން

މި އަހަރު ނިމޭއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ 2025 ވަނަ އަހަރާ އެއްވަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރަކީ 2.275 މިލިއަން ފަތުރުވެރިންނާއެކު ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެ ރެކޯޑު އަދަދު ހާސިލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރު ސިވިލް އޭވިއޭޝަންގެ ދާއިރާއަށް ބަދަލުތަކެއް ގެނެސް ސަލާމަތީ މިންގަނޑުތައް މަތިކުރުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު ބަލާ އައިކާއޯގެ އޮޑިޓުން ރާއްޖެ ކުރިއެރުން ހޯދުމާއެކު، ޔޫރަޕުގެ އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުކުރަން ފެށި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހު ސަރުކާރުން އަމާޒު ހިފި ގޮތަށް ކުރިއެރުން ހޯދި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއެކު މާޗު، އެޕްރީލް އަދި މޭ މަހު ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުން، މިހާރު އެ ދަށްވުން 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިހާރުގެ ފޯކާސްޓަކީ މިދިޔަ އަހަރާއި ގާތްގަނޑަކަށް ހަމަކުރެވޭނެއޭ މިއަހަރު ނިމޭއިރު. އެގޮތަށް ނިންމާލެވިއްޖެއިއްޔާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވި ކަމެއް ނޫން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު