ސަޢޫދީ ޢަރަބިއްޔާގެ ދެ ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ކަންކަން މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހިންނަށް މިކަމާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާނަމަ، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާތަކުގެ ތެރޭގައި ޔަމަނުގެ ޙޫޘީން ހޮނިހިރު ދުވަހު ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ ހިމެނެއެވެ. ސަޢޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި 12 މީހުން މަރުވެ 309 މީހުންނަށް އަނިޔާވެފައިވެއެވެ.
"ސައުދީ ގެޒެޓް" ގައިވާ ގޮތުން، މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ހިމެނެއެވެ. އަދި އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީނާއި ސޫދާނުގެ ރައްޔިތުން ވެސް ހިމެނެއެވެ.
މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ ޢިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ކިންގް ޚާލިދު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސަޢޫދީގެ ތިން ރައްޔިތުން މަރުވެފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ ޢުމްރާގެ އަޅުކަމަށާއި ތަޢުލީމު ހާސިލުކުރުމަށް އަދި ވަޒީފާތަކުގައި ގިނަ ދިވެހިން ދިރިއުޅޭ ޤައުމެކެވެ. ސަޢޫދީއަށް ދިން މި ހަމަލާތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.






