ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު ހުއްޓާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީގަލް ހިލްސްއަކީ ވޯޓުލާ މީހުންގެ ތާއީދު ގެއްލި، އަހުލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފާސިދު ބައެއް ކަމަށެވެ.
"ފަލަސްތީނުގެ މައްސަލައަށް ލޯބިކުރާ 100 ޕަސަންޓު މުސްލިމް މުޖުތަމަޢެއްގައި ޔަހޫދީ އާބާދީއެއް ގާއިމުކުރުމަކީ، ތިޔަބައި މީހުން (އީގަލް ހިލްސް) ގެ މުނާފިގުކަމާއި ނުބައިކަން ހާމަކޮށްދޭ ކަމެކެވެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެ ކުންފުންޏާ މެދު ދިވެހިންގެ ހިތްތަކުގައި އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އީގަލް ހިލްސްއަށް އެންމެ ރަނގަޅު ގޮތަކީ މި މަޝްރޫޢު ހުއްޓާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އީގަލް ހިލްސްގެ މަޝްރޫޢާ ގުޅޭގޮތުން މީގެ ކުރިން ވެސް އިދިކޮޅުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރާއި އެއްކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫޢުގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ.
ރަސްމާލޭގައި މެރީނާއަކާއި ޒަމާނީ ފެންވަރުގެ ވޯޓަރފްރަންޓް ސިޓީއެއް ތަރައްޤީކޮށް ހިންގުމަށް ހަދާފައިވާ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރެވެ.
މި މަޝްރޫޢުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރު އެ ކުންފުންޏަށް ތަރައްޤީކުރަން ދޭނެއެވެ. މަޝްރޫޢުގެ އެކި މަރުހަލާތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރަށް އަރައެވެ.
މި މަޝްރޫޢުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.






