ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މުޅި މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 18 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށް 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 142.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 270 ދުވަހުގެ މުއްދަތެއްގައެވެ.
ގާތްގަނޑަކަށް 1,800 މީހުން ދިރިއުޅޭ ފަރެސްމާތޮޑާއަކީ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން، ރާޅު އަރައި ރަށް ގިރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ފަރެސްމާތޮޑާގެ ބަނދަރާއި ބޯޓު ޔާޑު ތަރައްޤީކުރުމުގެ ވަކި މަޝްރޫޢެއްވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 209.43 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށި އަދި ބޭރުތޮށި ލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.






