Monday, October 12
މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް އޭ220-300 މަރުކާގެ ދެ ބޯޓު ހޯދަނީ

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް މަރުކާގެ ޒަމާނީ ދެ މަތިންދާބޯޓު ހޯދުމަށް އެ ކުންފުނިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުރު ރާސްތާގެ ދަތުރުތަކަށް ހޯދަން ނިންމާފައިވަނީ އެއަރބަސް އޭ220-300 މަރުކާގެ ދެ ބޯޓެވެ. މި ބޯޓުތައް ހޯދަނީ އޮޕަރޭޓިންގ ލީސްގެ އުސޫލުންނެވެ.

މި ބޯޓުތަކާއެކު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވަނީ އަމާޒުހިފާފައެވެ.

ބޯޓު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. މަޢުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ލިބޭ ސުވާލުތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބު ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވިއަނުން މިހާރު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. އޭގެ ތެރޭގައި އިންޑިއާގެ 2 ސިޓީއަކާއި ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ 3 ސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު