އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މާވިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކޮށްފައިވާކަން ހައިކޯޓުގެ ރަޖިސްޓްރީން ސާފުވެއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިގަތްކަން އަދި ސާފެއް ނޫނެވެ.
މޭރީ މަރާލި މައްސަލައާ ގުޅިގެން މާވިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.
ޝަރީއަތުގައި މާވިންގެ ފަރާތުން އެދުނީ އެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ލުއި އަދަބު ދިނުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ވަނީ އަދަބުގެ ދަރަޖަ މަތިކުރައްވައި، މާވިން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރައްވާފައެވެ.
ހުކުމުގައި ގާޒީ ފާހަގަކުރެއްވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ކަމާއި، އެ އަމަލު ފޮރުވުމަށް މާވިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ. އަދި މި ޖަރީމާގެ ސަބަބުން އެ ދެމަފިރިންގެ ދަރިފުޅު މަންމަގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެފައިވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގާއި ޝަރީއަތަށް މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ވެފައިވާތީ، އެ މުއްދަތު ވަނީ ޖަލު ހުކުމުން އުނިކޮށްފައެވެ. އެހެންކަމުން އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު އަދަބެވެ.
މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށްވެސް ކޯޓުން ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.






