އާދިއްތަ, October 11
ގަލޮޅު ގެއަކުން ފައިސާ ފޭރުނު މައްސަލައިގައި އެގޭގެ އާއިލާ މީހަކު ހައްޔަރުކޮށްފި

ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރިގެންފައިވާ މައްސަލައިގެ އަޑީގައި ހުރި ކަމަށް ތުހުމަތުކޮށް، އެ ޢާއިލާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު އަލީދީދީ (44އ) އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ އިތުރުން ފޭރުމުގެ ތުހުމަތެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ އެ ގޭގައި ތިބި ތިން މީހަކު ރަހީނުކުރުމަށްފަހު ތިން ލައްކައެއްހާ ރުފިޔާ ފޭރިގަނެފައެވެ.

ފުލުހުންގެ ތަހުގީގު އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވީ ފޭރުމުގެ ޢަމަލު ހިންގި މީހުން ހާދިސާގެ ކުރިންނާއި އެ ގެއަށް ދިޔަ ވަގުތު ވެސް ޒާހިރާ އެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ހާދިސާއަށްފަހު ފުލުހުން އޭނާ ހައްޔަރުކުރުމާ ހަމައަށް އެ ގެއަށް އެނބުރި ގޮސްފައި ނުވާ ކަމަށް އައިއޯ ވިދާޅުވިއެވެ. މި މައްސަލައިގައި ޢަމަލީގޮތުން ބައިވެރިވި އިތުރު މީހަކާ އެކު އޮޕަރޭޝަނެއްގައި އުޅެނިކޮށް ޒާހިރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އައިއޯ ވިދާޅުވިއެވެ.

ނަމަވެސް، މި ތުހުމަތުތައް ދޮގުކުރަމުން ޒާހިރު ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނެފައިވަނީ، ފޭރުން ހިންގީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި ބަޔަކު ކަމަށެވެ. އަދި އެ މީހުން އޭނާ ވެސް ހިފަހައްޓައި ގެއަށް ނުވަދެވޭ ގޮތް ހެދުމަށްފަހު، ތަޅުދަނޑި ހިފައިގެން ގޮސް އެ ކަން ކުރީ އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް އޭނާ ދިފާޢުގައި ބުނެފައިވެއެވެ.

ފޭރުނު ފައިސާގެ ރަސްމީ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބިރުދައްކާ ފޭރުމުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ފުލުހުން ދަނީ މިފަދަ ކަންކަން ހުއްޓުވުމަށް މަގުމަތި ބަލަހައްޓާ މިންވަރުވެސް އިތުރުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު