Monday, October 5
ޒުވާން ޖީލު ބައްޓަންކުރުމުގައި ޓީޗަރުންގެ ދައުރު ބޮޑުކަމަށް ރައީސް ވިދާޅުވެއްޖެ

ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ޒުވާން ޖީލު ބައްޓަންކޮށް މަގުދެއްކުމުގައި މުދައްރިސުން އަދާކުރަމުންދާ ދައުރު ވަރަށް ބޮޑަށް ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ މުދައްރިސުންގެ އިލްމީ ޤާބިލުކަމާއި، ނުގުޑާ އަޒުމާއި، އަދި ދަރިވަރުންގެ ކުރިމަގަށްޓަކައި ކުރައްވާ މިންނެތް މަސައްކަތުގެ އަގުވަޒަންކުރައްވާފައެވެ. އަދި ޤައުމުގެ މުސްތަގުބަލަށްޓަކައި އެ މީހުން ވަމުންދާ ޤުރުބާނީއަށް މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މުދައްރިސުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް އެކަށީގެންވާ ވެއްޓެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، ޓީޗަރުންގެ ދުޅަހެޔޮކަމާއި، މަސައްކަތުގެ ބުރަކަން ކުޑަކުރުމަށާއި، ވަޒީފާގެ މާހައުލު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ހުރިހާ ކުދިން ޝާމިލުވާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމުގައި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު