Monday, October 5
”އަހާ“ ފޯރަމްގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

"އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން/ފޮޓޯ/ ރައީސް އޮފީސް

ދެފުށްފެންނަ އަދި ޖަވާބުދާރީވާ ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ "އަހާ" ފޯރަމް ސިލްސިލާގެ 8 ވަނަ ބައްދަލުވުން މިރޭ ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ މި ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވައިދީ، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ސީދާ ޖަވާބުދެއްވުމަށް ބާއްވާ ޕްރޮގްރާމެކެވެ. މިރޭގެ ފޯރަމްގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ އިތުރުން ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.

ދެ ގަޑިއިރަށް ލައިވްކޮށް ގެނެސްދިން މި ޕްރޮގްރާމްގައި، ފޯރަމް ހިނގާތަނަށް ހާޒިރުވެގެންނާއި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އާންމުން ވަނީ ގިނަ ސުވާލުތަކެއްކޮށް، ކަންބޮޑުވުންތަކަށް ޖަވާބު ހޯދާފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު ތަޢާރަފްކުރި "އަހާ" ފޯރަމްގެ 7 ވަނަ ބައްދަލުވުން ބާއްވާފައިވަނީ ސެޕްޓެންބަރު 27 ގައެވެ. މި ފޯރަމްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުކޮށް ސުވާލުކުރުމަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައިވެސް ޚާއްޞަ ޕްރޮގްރާމެއް ސިލްސިލާކޮށް އަންނަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު