Wednesday, October 7
ދީނީ ފޮތްތަކަށް އަހުލުވެރިކުރުމަށް ބާއްވާ "މަޢުރިފާ" ފޮތް މަޢުރަޒު އޮކްޓޫބަރު 1 އިން 3 އަށް

ދީނީ އަދި ޢިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ "މަޢުރިފާ" ފޮތް މަޢުރަޒު އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޢުރަޒު ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުރަޒު ކުރިއަށްދާނީ ކަނޑައެޅިފައިވާ ތާރީޚުތަކުގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މި މަޢުރަޒު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދީނީ އަދި ޢިލްމީ އެކި ދާއިރާތަކުގެ ފޮތްތަކަށް މީހުން ޝައުޤުވެރިކުރުވައި އަހުލުވެރިކުރުވުމެވެ. މީގެއިތުރުން، ރާއްޖޭގައި ފޮތް އުފައްދާ ފަރާތްތަކަށާއި ފޮތް ވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އެއްތަނަކުން އަގުހެޔޮކޮށް ފޮތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ވެސް މި މަޢުރަޒުގެ މަޤްޞަދެކެވެ.

"މަޢުރިފާ" ފޮތް މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ފޮތް ވިއްކާ އަދި ޝާއިޢުކުރާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މަޢުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، ޚާއްޞަ އޮންލައިން ފޯމު މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު