އިންޖިނިއަރިން ދާއިރާއަކީ ގައުމީ ތަރައްގީ އާއި ތަހުޒީބުގެ މައިބަދަ ކަމަށާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރުތައް އަބަދުވެސް ވަނީ ހުޅުވިފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި ޑރ. އަޒުވަރު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިދުމަތްކުރާ އެންމެހާ އިންޖިނިއަރުންނަށާއި، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އަޒުވަރު ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ކުންފުނީގެ ހިދުމަތުގައި ތިބި ސައްތައިން ސައްތަ ދިވެހި، ފަންނީ މަތީ ތައުލީމު ހާސިލުކޮށްގެން ތިބި ގާބިލު އިންޖިނިއަރުންނެވެ. އަދި ވަސީލަތްތައް މަދު ދުވަސްވަރު ބުރަ މަސައްކަތްތަކެއް ކުރެއްވި އިސް ރަން އިންޖިނިއަރުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، ކުންފުންޏަށް ހިދުމަތްކުރުމަށްފަހު ވަކިވެދިޔަ މުވައްޒަފުންގެ ހެޔޮ ޒިކުރާ އޭނާ އާކުރެއްވިއެވެ.
މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އަޒުވަރު ހާމަކުރެއްވި ގޮތުގައި، ޔޫރަޕްގެ ޤައުމުތައް ހިމެނޭހެން ބޭރުގެ މަޝްހޫރު ކުންފުނިތަކުން ތަމްރީނު ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން 2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން 535 ތަމްރީނު ފުރުސަތު އަދި 2025 ވަނަ އަހަރު 947 ފުރުސަތު މުވައްޒަފުންނަށް ހޯދައިދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަށް ދާއިރާއާ ގުޅުމަށް ދައުވަތު ދެއްވަމުން އެމްޑީ ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި ގާބިލު ޖީލެއް ބިނާކުރުން ކަމަށެވެ. އަދި 24 ގަޑިއިރު ހުއްޓުމެއްނެތި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ އިންޖިނިއަރުން ކުރާ އިޚްލާސްތެރި މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.



