Thursday, October 22
އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގާ: މެޑަމް ސާޖިދާ
ޤައުމެއް ބިނާކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގަލަށްވުމުގެ އިތުރުން އެއީ ޢާއިލާތަކާއި މުޖުތަމަޢުގެ އުފާވެރިކަމުގެ އަސްލުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދީފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުމަށް ހިންގި މި ޕްރޮގްރާމުގެ ރަސްމިއްޔާތުގައި، 8 ބެޗަކުން ދަސްވެނިވި 170 އަށްވުރެ ގިނަ ކަނބަލުންނަށް މެޑަމް ސާޖިދާ ވަނީ ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައެޅި މުޙައްމަދު ޤާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާއެކުވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު