ށ. މިލަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 1200 ކިލޯވޮޓްގެ އާ ޖެންސެޓެއް އެ ރަށަށް ގެންގޮސް ބާލައިފިއެވެ. ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި އިއްޔެ އެ ރަށަށް ގެންދެވުނު މި ޖެންސެޓް އިންސްޓޯލްކޮށް، އޭގެއިން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިލަންދޫ ފެނަކައިން ހާމަކުރި ގޮތުގައި، މިއީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ފޯރުކޮށްދިން ޖެނެރޭޓަރެކެވެ. އަދި މިއީ މިހާތަނަށް އެ ރަށަށް ގެނެވުނު އެންމެ ބޮޑު ޖެނެރޭޓަރުވެސް މެއެވެ.
މި އާ ޖެންސެޓް ގެންދިއުމުގެ ކުރިން މިލަންދޫ އިންޖީނުގެ މުޅި ކެޕޭސިޓީއަކީ 2,100 ކިލޯވޮޓެވެ. ނަމަވެސް، 1200 ކިލޯވޮޓުގެ މި ޖެންސެޓް ބޭނުންކުރަން ފެށުމުން ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 2,700 ކިލޯވޮޓަށް މަތިވެގެންދާނެއެވެ. މިއީ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.
ފެނަކައިން ފާހަގަކުރި ގޮތުގައި، މި ކުރިއެރުމުގެ ސަބަބުން ޕީކް ގަޑިތަކުގައާއި ކުރިމަގުގައި ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އިންޖީނުގެތައް ތަރައްޤީކޮށް އާ ޖެންސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



