ރާއްޖޭގެ ބޭންކިންގ ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 ޕަސެންޓަށް އިތުރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕްރެމިއާ ބޭންކު ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ގަވަރުނަރ ފާހަގަކުރެއްވި ގޮތުގައި، މިހާރު ބޭންކިންގ ދާއިރާގެ މެނޭޖްމަންޓް ލެވެލްގެ ގާތްގަނޑަކަށް 40 ޕަސެންޓް މަގާމުތަކުގައި ތިބީ ބޭރު މީހުންނެވެ. އެހެންކަމުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އެ ނިސްބަތް 20 ޕަސެންޓަށް ތިރިކޮށް، ދިވެހި ޒުވާނުން ފަންނީ ގޮތުން ބިނާކުރުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެއިތުރުން، ބޭންކުތަކާ ގުޅިގެން އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ގަވަރުނަރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް ޓެކްސް ކެނޑުމުގެ ކުރިން 5.15 ބިލިއަން ރުފިޔާގެ ފައިދާއެއް ބޭންކުތަކަށް ލިބިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ދާއިރާގެ ފައިދާއިން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެފައިވާތީ، ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ފައިސާ ހިފެހެއްޓުމަށް ދިވެހި ބޭންކުތައް ވަރުގަދަކޮށް ދިވެހިން މި ދާއިރާއަށް އިންވެސްޓްކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތާ އެއްގޮތަށް ޑިޖިޓަލް ބޭންކިންގ އަދި އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމާއެކު، ސައިބާ ސެކިއުރިޓީއާއި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް އިސްކަންދިނުމަށްވެސް ގަވަރުނަރު އިލްތިމާސްކުރެއްވިއެވެ.



