Tuesday, October 13
ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް %10 އަށް ބޮޑުކުރުމަކީ ދިވެހިންނަށް ލިބޭ ހަމަހަމަކަމެއް: ވަޒީރު މުއްޠަލިބް

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %10 އަށް އަލުން ބޮޑުކުރުމަކީ ގެއްލިފައިވާ ހަމަހަމަކަން އިއާދަވެ، ދިވެހި ކޮންޓްރެކްޓަރުންނަށް އާމްދަނީގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޓެކްސް %10 އިން %5 އަށް ކުޑަކުރެއްވުމުން، ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ބޭރުގެ ކޮންޓްރެކްޓަރުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ކުޑަވެ، ބޭރުގެ ފަރާތްތަކަށް ނާޖާއިޒު ކުރިއެރުމެއް ލިބިގެންދިޔައެވެ. އެހެންކަމުން %10 އަށް އަލުން ބޮޑުކުރުމުން އެންމެންނަށް ހަމަހަމަ މާހައުލެއް ގާއިމުވެގެންދާނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދޭ ފައިސާގެ %10 ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

މީރާއިން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވްރެޖުކޮށް 251 މިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު