އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި 101 ޢިލްމުވެރިންގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން ބައިވެރިވެފައިވާ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.



