Monday, October 12
ސިވިލް އަދި ކްރިމިނަލް ކޯޓަށް ޤާޟީން ޢައްޔަންކޮށްފި

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އާ ޤާޟީންތަކެއް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛު މުޙައްމަދު ނިޝާޠު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާ އެވެ.

އަލްއުސްތާޛު މުޙައްމަދު ނިޝާޠަކީ ޝަރުޢީ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެޓަރނީ ޖެނެރަލް އޮފީހާއި، އޭސީސީ އަދި ބާ ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ. އަލްއުސްތާޛާ އާސިޔާ އަޡީމާއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޤާނޫނީ ގޮތުން އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ އަލްއުސްތާޛު ސުލައިމާން މުޙައްމަދު، އަލްއުސްތާޛު އަޙްމަދު ތައުފީޤު އަދި އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ އެވެ.

މީގެ ތެރެއިން އަލްއުސްތާޛު ސުލައިމާން މުޙައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަރޑީސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. 8 ސެޕްޓެމްބަރު 2017 އިން 03 ސެޕްޓެމްބަރު 2022 އަށް ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު އަދި 4 ސެޕްޓެމްބަރު 2022 އިން ފެށިގެން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްއުސްތާޛު ސުލައިމާން މުޙައްމަދު ޝަރުޢީ ދާއިރާ ގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ މަޤާމާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލް.އެލް.ބީ އޮނަރސް ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 08 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު