Monday, October 12
ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރަށް މުދާ ބަރުކުރުމުގެ ރަސްމީ މިންގަނޑުތައް ކަނޑައަޅައިފި

ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރަނީ: ފޮޓޯ- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބަނދަރު އޮޕަރޭޝަންތައް ކުރިއަށްދާ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި އަމަލުކުރާނެ ރަސްމީ މިންގަނޑުތަކެއް އެ ކުންފުނިން ކަނޑައަޅައި އާންމުކޮށްފިއެވެ.

އެމް.ޕީ.އެލް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އުސޫލުތައް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ ބަނދަރުން ބަރުކުރާ ކޮންމެ މުދަލަކީވެސް އެ މުދަލެއް އުފުލުމަށް އެކަށީގެންވާ، ރައްކާތެރި އުޅަނދަކަށް ބަރުކުރެވޭ މުދަލެއްކަން ކަށަވަރުކުރުން ކަމަށެވެ.

އައު އުސޫލުގެ ދަށުން ބަނދަރު ސަރަހައްދުގައި މުދާ ބަރުކުރަންވާނީ އެ މުދަލެއް ބަރުކުރުމަށް އެކަށީގެންވާ ރައްކާތެރި މުދާ އުފުލާ އުޅަނދުތަކަށެވެ. ޚާއްޞަކޮށް އާންމު މިންގަނޑަށްވުރެ ބޮޑެތި، ބަރު ނުވަތަ ދިގު މުދާ (އައުޓް އޮފް ގޭޖް ކާގޯ) އުފުލުމަށް ބޭނުންކުރަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުފަހަރެވެ. މިފަދަ އުޅަނދުތަކަށް މުދާ ބަރުކުރެވޭނީ އެމް.ޕީ.އެލްގެ ހުއްދައާއެކުގައެވެ. އަދި މިފަދަ މުދާ ބަރުކޮށްފައިވާ އުޅަނދުތައް ބަނދަރުން ބޭރަށް ނުކުމެވޭނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައާއެކު އެ ފަރާތުގެ ބެލުމުގެ ދަށުންނެވެ.

ކޮންޓޭނަރު އުފުލުމާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ބުނެފައިވަނީ، އައި.އެސް.އޯ ކޮންޓޭނަރުތައް ބަރުކުރެވޭނީ ކޮންޓެއިނާރ ޝޫ ހަރުކުރެވިފައިވާ ޓްރެއިލަރުތަކަށް އެކަނި ކަމަށާއި، ކޮންޓެއިނާރ ބަރުކުރުމަށްފަހު ޓްވިސްޓް ލޮކް އަޅުވަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބަނދަރުން ނިކުތުމުގެ ކުރިން ހުރިހާ މުދަލެއް ފުރިހަމައަށް "ލައިސަން" ކުރުމަކީ އުޅަނދު ދުއްވާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ނުވަތަ މިންގަނޑުތަކަށް ނުފެތޭ އުޅަނދުތައް ބަނދަރުން ބޭރަށް ނުކުތަ ނުދީ ހިފެހެއްޓުމުގެ އިޚުތިޔާރު އެމް.ޕީ.އެލް އަށް ލިބިގެންވެއެވެ. އަދި އުސޫލާ ޚިލާފުވާ އުޅަނދުތައް ވަގުތުން ބަނދަރުން ބޭރުކުރެވޭނެ ކަމަށާއި، ތަކުރާރުކޮށް އުސޫލާ ޚިލާފުވާ ޑްރައިވަރުން ބަނދަރަށް ނުވެއްދުމަށްވެސް ވަނީ ނިންމާފައެވެ.

އެހެންކަމުން، ބަނދަރުން ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކުން ބަނދަރާއި މަގުމަތީގެ އާންމު ރައްކާތެރިކަމަށްޓަކައި މި މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެމް.ޕީ.އެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު