Monday, October 12
ބޭންކުތަކަށް ވިއްކާ ޑޮލަރު އެމްއެމްއޭއިން %51 އިތުރުކޮށްފި

އެމްއެމްއޭ - ފޮޓޯ: އަވަސް

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވަމުންދާ ޕްރެޝަރުތައް ކުޑަކޮށް، ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަކޮށްދިނުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާގެ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް ނިންމައިފިއެވެ.

މިއަދު އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، މި ހިނގަމުންދާ ހަފްތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސިޔާސަތުގެ ދަށުން، އާންމުކޮށް ކޮންމެ ހަފްތާއަކު ބޭންކުތަކަށް ދޫކުރާ މިންވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއް ބޭންކުތަކަށް ލިބިގެންދާނެއެވެ.

މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޓީ.ޓީ އަދި އެލް.ސީތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެމްއެމްއޭއިން ވަނީ މީގެ ކުރިންވެސް ބާޒާރުގެ އަގުތައް ހިފެހެއްޓުމަށާއި ޑޮލަރުގެ ތާށިކަން ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރަމަޟާން މަހު ކާބޯތަކެތީގެ އަގު އުފުލުނު ނުދިނުމަށްޓަކައި، އިމްޕޯޓް ކުރާ ފަރާތްތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ މިންވަރު 32 އިންސައްތައަށް އިތުރުކުރިއެވެ.

އަދި ޖޫން މަހުން ފެށިގެން ފަތުރުވެރިކަމުގެ އޮފް-ސީޒަންއާ ދިމާކޮށް، ސެޕްޓެންބަރު މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 26 އިންސައްތައަށް އިތުރުކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު