Wednesday, October 7
މާލޭ ވެޓްމާކެޓް ޕްރޮޖެކްޓް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ކައުންސިލުން ނިންމައިފި

މާލޭ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްޤީކޮށް، ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގައެވެ.

މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ޤަރާރުގައި ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަޙައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ޤަރާރުގައި ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ.

"އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު