ދިވެހިރާއްޖޭގެ ރަށްތަކުގައި ހުރި ރުއްތަކަށް ޖެހެމުންދާ ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ބޭނުންވާ ޕެސްޓްސައިޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ސަރުކާރުން ވަނީ މި މަސައްކަތަށް ހާއްސަ އިސްކަމެއް ދީފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ދިމާވެފައިވާ ރަށްތަކުގެ ކައުންސިލްތަކަށް ސިޓީ މެދުވެރިކޮށް މިހާރު ވަނީ ޕެސްޓްސައިޑަށް އެދުމުގެ ފުރުސަތު އަންގާފައެވެ.
ޕެސްޓްސައިޑް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ތަކެތި ނަގަންޖެހެނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށްގެންނެވެ. އަދި ބާކީ ހުރި އަތޮޅުތަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިކޮށް ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ވަޒީރު އަޙްމަދު ޝިޔާމް ހއ. އަދި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ކައުންސިލްތަކާ މި ތަކެތި ވަނީ އަމަލީގޮތުން ހަވާލުވެސް ކުރައްވާފައެވެ.
1999 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ. ސަން އައިލެންޑުން އެންމެ ފުރަތަމަ ފެނުނު ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑި އަކީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އަޅާ ސޫތްޕެކެވެ. މި މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް، ރުކުމަޑި ނައްތާލާނެ ސޫތްޕެއް (ޕެރަސައިޓޮއިޑް) ވަނީ ހޯދާފައެވެ. އަދި މި ސޫފި އާލާކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ދުވާލަކު އެއްލައްކަ ޕެރަސައިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ހުރި "ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް" ވަނީ ގާއިމުކޮށްފައެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ގޮތުން ޕެސްޓްތަކަށް ހަމަލާދޭ ސޫފި ބޭނުންކޮށްގެން ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކުރުމެވެ.



