މާލޭގައި މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިދިޔަ މަހު 1,651 ގެއާއި އެހެނިހެން ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ތެރޭގައި ކުރިއަށްދިޔަ މި މަސައްކަތުން މަދިރި އާލާވާ ގޮތަށް ހުރި 606 ތަނެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އޭގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، އޭގެ ތެރޭގައި 27 ގެއެއް ހިމެނެއެވެ. މައްސަލަ ހުރި 157 ތަނަކަށް މަދިރި ބޭސް އަޅައި، ހަތަރު ބްލޮކަކާއި ނުވަ މަގެއް ވަނީ ފޮގްކޮށްފައެވެ.
މާލޭގެ މޭޔަރު އާދަމް ޢާޒިމް ވަނީ މަދިރި އާލާނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މާލެ ސިޓީ ކައުންސިލުން މި އޮޕަރޭޝަން ވަރުގަދަކޮށްފައިވަނީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ހާއްސަކޮށް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މި އަހަރުގެ ކުރީކޮޅު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެކަނިވެސް ޑެންގީގެ 2,000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ މުޅި އަހަރަށްވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން މޭ މަހުން ފެށިގެން ޗިކުންގުންޔާގެ ކޭސްތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.
މި ބަލިތައް އެންމެ ބޮޑަށް ފެތުރެމުންދަނީ މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށި ސިޓީ، ރ. އަތޮޅު އަދި އއ. އަތޮޅުގައެވެ. މޫސުމީ ބަދަލުތަކާއި ވާރޭވެހުމުގެ ސަބަބުން ސާފު ފެން ހަރުލާ ކުދިކުދި ތަންތަނުގައި ޑެންގީ ފަތުރާ އީޑީސް މަދިރި އާލާވުން ވަނީ އިތުރުވެފައެވެ.
އެހެންކަމުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި، މަދިރި ދުރުކުރާ ލޯޝަން ބޭނުންކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މުޅި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމަށް ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.



