އިސްލާމީ ފައިނޭންސިން ނިޒާމުގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް، "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމް އެގްރިކަލްޗާ މިނިސްޓްރީން ވަނީ އިފުތިތާހުކޮށްފައެވެ. މި ސްކީމް އިފުތިތާހުކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ހއ.ކެލާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އެ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް ގެ ދަށުން ދޫކުރާ 15 މިލިއަން ރުފިޔާގެ މި މެޗިން ގްރާންޓާއި ލޯނު ސްކީމް ކުރިއަށްދާނީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ. މި ދެ ސްކީމްގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް، ދާއިރާ ކުރިއެރުވުމެވެ.
މި ސްކީމްތަކުގެ ތެރެއިން "ދަނޑުވެރި މަންފާ" ގްރާންޓް ހާއްސަކޮށްފައިވަނީ ތިލަދުންމައްޗާއި ށ. އަތޮޅުގެ ދަނޑުވެރިންނަށާއި، ޖަމިއްޔާތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މި ގްރާންޓުގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ ގްރީންހައުސްއާއި ހައިޑްރޮޕޯނިކްސް ފަދަ "ކްލައިމެޓް ސްމާޓް" ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ. އަނެއްކޮޅުން "ދަނޑުވެރި ނަފާ" ލޯނުގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވުމުގެ އިތުރުން، ވެޓް އަދި ޕެޓް ސަޕްލައި ފަދަ ހިދުމަތްތަކަށް ފައިސާ ދޫކުރުމެވެ. މި ދެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.



