Monday, October 12
ޖޫންމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

ނިމިދިޔަ ޖޫންމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 406 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ۔ މިއީ މޭމަހު ދައުލަތަށް ލިބުނު 322 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ۔

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހު ރާއްޖެއަށް 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ۔ މިއީ މޭމަހު އިމްޕޯޓުކުރި 5.5 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 21.8 އިންސައްތައިގެ ކުރިއެރުމެކެވެ۔

ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ۔ އެއީ 1،601 މިލިޔަން ރުފިޔާގެ މުދަލެވެ۔ ދެވަނައަށް އެންމެ ގިނައިން އިންޑިއާއިން 1،502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި ޗައިނާއިން 922 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ۔

އިމްޕޯޓުކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ۔ އެއީ 1.8 ބިލިޔަން ރުފިޔާގެ މުދަލެވެ۔ ދެން އެންމެ ގިނައިން އެތެރެކުރި ކެއިންބުއިމުގެ ބާވަތްތަކަށް 1.7 ބިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، މެޝިނަރީއާއި އެނޫންވެސް ސާމާނުގެ ގޮތުގައި 972 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ۔

އެކްސްޕޯޓަށް ބަލާއިރު، ޖޫންމަހު ރާއްޖެއިން 153 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ۔ މިއީ މޭމަހު އެކްސްޕޯޓުކުރި 98 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 56 އިންސައްތައިގެ އިތުރުވުމެކެވެ۔ ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ۔ އެއީ 95 މިލިޔަން ރުފިޔާގެ މުދަލެވެ۔ ދެވަނައަށް އެންމެ ގިނައިން އިނގިރޭސިވިލާތަށް 23 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ ބޭރުކުރި އިންޑިއާއަށް އެކްސްޕޯޓުކޮށްފައިވަނީ 6 މިލިޔަން ރުފިޔާގެ މުދަލެވެ۔

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު