Monday, October 12
މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން: އެމްޕީއެލްއިން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވެމެއް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ޝިޕިން އޭޖެންޓުންނާއި، އެއާލައިން އޭޖެންޓުން އަދި ފްރައިޓް ފޯވާޑަރުންނާއެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ހޮޓެލް ޖެންގައި މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ބަނދަރު ބަދަލުކުރުމުގެ މަސައްކަތާ ގުޅިގެން އެމްޕީއެލުން ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ސީ-ޓޫ-އެއާ ކާގޯގެ ހިދުމަތް ދޭ ފަރާތްތަކާއި، ކަމާގުޅޭ އެހެނިހެން އެޖެންޓުންގެ ތަޖުރިބާގެ އަލީގައި، ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން އޮޕަރޭޝަނަލް ހިދުމަތްތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމެވެ. އެމްޕީއެލުން މީގެ ކުރިން ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައެވެ.

މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ. ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މާސްޓާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާ މި ތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރެވޭނެއެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވުމަށް އަމާޒުހިފާފައިވާ މި ބަނދަރު ހުޅުވުމާއެކު، މާލޭ ބަނދަރުގެ 80 އިންސައްތަ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު