ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 107 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ފިޔަވަޅަކީ ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ޤައުމީ ޓާސްކްފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވުމެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިފަދަ 447 ޝަކުވާއެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 274 ވިޔަފާރިއެއް ބަލައި ފާސްކޮށް، 107 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، މައްސަލަތައް ރަނގަޅުކުރުމުން އޭގެ ތެރެއިން 68 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އެ ވުޒާރާގެ ހޮޓްލައިން 3333199 އަށް ގުޅުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް މިފަދަ މައްސަލަތައް ރިޕޯޓުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.



