މާލޭގެ އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޒެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ދަނީ ލިބެމުންނެވެ.
މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެއްވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމްޑަބްލިއުއެސްސީއަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ. ނަމަވެސް، މަތީ ފްލޯތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، އެމްޑަބްލިއުއެސްސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށާއި، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށް ޑެޕިއުޓީ މޭޔަރު ހުށަހެޅުއްވިއެވެ.
މާފަންނު އިތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ތާއީދުކުރެއްވި މި ހުށަހެޅުމާ ގުޅިގެން، މޭޔަރު އާދަމް އަޒީމްވެސް ވަނީ މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



