ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ ޚާއްޞަ ހަރަކާތެއް ވަގުތުން ފެށުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ހުޅުމާލޭގައި މަދިރި ގިނަވެގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށާއި، އެޗްޑީސީން މީގެ ކުރިން ކުރި ފޮގްކުރުމުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ސަރަހައްދުތަކަށް ފޮގްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަހިއްޔާ ވިދާޅުވީ، އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގޫގެ 374 ކޭސް ރިޕޯޓްކުރި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު 2,183 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަވައްޓެރި ލަންކާގައިވެސް ޑެންގޫ އިތުރުވެ ސިފައިން ނެރެގެން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ހާލަތު އެ މިންވަރަށް ދަންދެން މަޑުން ތިބެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، ހުޅުމާލޭގެ އުސް އިމާރާތްތައް ހިމެނޭހެން ފޭސް ދޭކާއި ފޭސް އެކެއްގެ އިތުރުން މާލެ އަދި ވިލިމާލޭގައިވެސް މަދިރި ނައްތާލުމުގެ ވަގުތީ އޮޕަރޭޝަނެއް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.



