ކުދީނާގޯޅީގައި ހިންގަމުން އަންނަ "ފުޑް ބިސްޓްރޯ" ކެފޭގެ ދުންހޮޅި މަރާމާތުކޮށް ނިމެންދެން އެތަން ވަގުތީގޮތުން ބަންދުކޮށްފައި ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، އެތަނުގެ ދުންހޮޅިން ނުކުންނަ ދުމާއި ވަސް ކައިރީގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ވަންނާތީ، އެކަން އިސްލާހުކުރުމަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ. ނަމަވެސް، ކެފޭގެ ފަރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދާފައެއް ނުވާކަމަށް ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ.
މި ފިޔަވަޅު އަޅަން މަޖުބޫރުވީ އިއްޔެގެ ހުކުރު ނަމާދު ވަގުތު އެތަނުން ކައްކަމުންދިޔަ އެއްޗެހީ ކަނޑާ ވަހާއި މިރުސްވަސް މިސްކިތް ތެރެއަށް ފެތުރި، ނަމާދަށް ތިބި މީހުން ކޮށިއަރައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވުމުން ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. މީގެ އިތުރުން، ކައުންސިލްގެ މުވައްޒަފުން އެ ކެފޭއަށް ދިޔުމާއެކު، އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން ގޮސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ދުވެ ފިލާފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.



