ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޕަބެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:00 ޖެހިހާއިރު ބެންކޮކްގެ ޗަޓުޗަކް ޑިސްޓްރިކްޓްގައި ހުންނަ “ނާ ލަޑްޕްރާއޯ” ޕަބްގައެވެ.
ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް ވިދާޅުވީ، މި ހާދިސާގައި 63 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވަނީ ލަފާކުރައްވާފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރަން ބައިގަޑިއިރެއްހާއިރު ނެގިއިރު، އެތަނުގައި ހަރަކާތްތެރިވި ފަޔަފައިޓަރެއް ކަމަށްވާ ޗަކްރިޓް ހޮންގްކޮމް ބުނި ގޮތުގައި އިމާރާތުގެ ތެރެއަށް ދުން ފެތުރިފައި ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި ސަލާމަތްވި ގިނަ މީހުންނަށް އަނިޔާވީވެސް ދުމުގެ އަސަރުކޮށްގެންނެވެ.
މި ހާދިސާ ތަހުގީގުކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، ގިނަ މީހުން މަރުވެފައިވަނީ އިމާރާތުގެ ފަހަތުގައި ހުރި ފާހާނާތަކުގެ ކައިރިންނެވެ. ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް ވިދާޅުވި ގޮތުގައި، އަލިފާން ރޯވުމާއެކު ގިނަ ބަޔަކު އިމާރާތުގެ ފަހަތަށް ދުވި ނަމަވެސް، އެ ސަރަހައްދުން ނުކުމެވޭނެ އިމަޖެންސީ އެގްޒިޓެއް ނެތެވެ. އެހެންކަމުން އެތަނުގައި ސަލާމަތީ މިންގަނޑުތަކާ ހިލާފުވެފައިވޭތޯ ބެލުމުގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން، މަރުވި ގިނަ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ނެތުމުން، ފޮރެންސިކް ޓީމުތަކުން މަރުވި މީހުންގެ ވަނަވަރު ދެނެގަތުމަށް ކުރާ މަސައްކަތަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.



