މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ މާލީ ޕްލޭނުގެ ދަށުން، މަދުވެގެން 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލްގެ ތަރައްގީގެ ޕްލޭންގައި ވަނީ ހިމަނައިފައެވެ. މާލެ ސިޓީ ކައުންސިލުން މިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ 9 ޖުލައި 2026 ގައި ބޭއްވުނު އެ ކައުންސިލްގެ މިއަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައެވެ.
މި ތަރައްގީގެ ޕްލޭންގައިވާ ގޮތުން، މަޝްރޫއުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ހަމަޖެހިފައިވަނީ އަމިއްލަ ސެކްޓަރަށް އާންމުކޮށް ހުޅުވާލައިގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޕާކިން ބިލްޑިންގްތަކާއި، ހައުސިން، ލަފާފުރާ ގިމަތަތައް، ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ކޮމާޝަލް ބިލްޑިންގްތައް ބިނާކުރުން ހިމެނޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ކައުންސިލްގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާނެ 'ބޭސް ރޭޓް ފްރޭމްވޯކެއް' އެކުލަވާލައި ތަންފީޒުކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި ކައުންސިލްގައި ރިޒާވް ފަންޑެއް ގާއިމުކޮށް، ފައިދާލިބޭނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުމަށް ވެސް މެދުރާސްތާ ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
އާމްދަނީ ބަޖެޓަށް ލުއިކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން ކަރަންޓަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމެނޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި ކައުންސިލްގެ އިދާރީ ހިންގުމުގެ ޚަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުންދާތީ، އެކަން ޙައްލުކުރުމަށް 'ޑިޖިޓަލް-ފަސްޓް' ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން، ކައުންސިލްގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، މިހާރު ކުއްޔަށް ހިފާފައިވާ އިމާރާތްތައް ދޫކޮށްލުމަށް ރާވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް، 'ބަލްކް ޕާޗޭސިން' ނުވަތަ އެއްފަހަރާ ގިނަ އަދަދަކަށް ތަކެތި ގަނެގެން އަގުހެޔޮކޮށް ތަކެތި ހޯދުމަކީ ވެސް ޚަރަދު ކުޑަކޮށް އާމްދަނީގެ ނިސްބަތް މަތިކުރުމަށް އެޅުމަށް ކަނޑައެޅި މުހިއްމު ފިޔަވަޅެއް ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.



