ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު އިންވެސްޓް ކުރުމަށް ހުޅުވާލި އާ ފުރުސަތަށް ލިބުނު ބޮޑު ތަރުހީބާއެކު، ދިވެހިން އާންމުކޮށް ބޭނުންކުރާ ޓީމޫ އާއި ޝެއިން ފަދަ އޮންލައިން ޝޮޕިންގް ޕްލެޓްފޯމްތަކަށް ކަނޑައަޅާފައިވާ ޑެއިލީ ލިމިޓް އިތުރުކޮށްދީފި ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްކޮށްގެން ދިވެހި ރުފިޔާއިން ފައިދާ ހޯދޭނެ މި ހާއްސަ ސްކީމް އާންމުންނަށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ކަސްޓަމަރުން އިންވެސްޓްކުރާ ޑޮލަރުގެ އަގަށްވާ ދިވެހި ރުފިޔާ ވަގުތުން އެމީހެއްގެ އެކައުންޓަށް ޖަމާވެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ރުފިޔާ އެކައުންޓަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ސްކީމް ތައާރަފްކުރައްވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ކުރިން ވިދާޅުވެފައިވަނީ، މި އިންވެސްޓްމަންޓްތަކުގެ އެހީގައި ރާއްޖޭގެ ބާޒާރަށް ދޫކުރާ ރުފިޔާ ކާޑުތަކުގެ ލިމިޓްތަކަށް ބޮޑެތި ލުއިތަކެއް ދެވޭނެ ކަމަށެވެ.
ބޭންކަށް ޑޮލަރު ވަންނަ މިންވަރަށްވުރެ ބޭރުވާ މިންވަރު އިތުރުވުމާ ގުޅިގެން، ޓީމޫ، ޝެއިން އަދި އަލީއެކްސްޕްރެސް ފަދަ ސައިޓްތަކުން ވިޔަފާރިކުރަން ބޭންކުން ކޮންމެ ދުވަހަކަށް ކަނޑައަޅާ ބަޖެޓެއްގެ ތެރެއިން ލިމިޓްތަކެއް ހިފެހެއްޓުމަށް ބީއެމްއެލް އިން ނިންމީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މި ނިންމުމާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ގިނަ ބައެއްގެ ޝަކުވާ ބޭންކަށް ލިބެމުންދިޔަކަން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ރޭ ވިދާޅުވީ، އާންމުންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ފެށި މި އިންވެސްޓްމަންޓް ޕްރޮގްރާމްގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބޭންކަށް ބޮޑު ޑޮލަރު ފަންޑެއް ލިބިފައިވާ ކަމަށެވެ.
"އޮންލައިން ސައިޓްތަކަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނަ ޑެއިލީ ލިމިޓް އިއްޔެ މިވަނީ އިތުރަށް ފުޅާކުރެވިފައި. އެ ބަކެޓަށް ނުވަތަ އެ ޕޫލަށް އަޅުގަނޑުމެން ލާ ފަންޑު ބޮޑުކުރެވުމުގެ ސަބަބުން، ކުރިއަށްވުރެ ގިނަ އަދަދަކަށް ޑޮލަރުގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިވަނީ ތަނަވަސްވެފައި،" — ތަރުޖަމާނު މުހައްމަދު ސައީދު
އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލާއެކު އިއްޔެ އެކަނިވެސް ޓީމޫ އާއި ޝެއިން ފަދަ ސައިޓްތަކުން ކުރިއަށްވުރެ ފަސޭހަކަމާއެކު ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރެވުނުކަން އާންމުން ފާހަގަކޮށްފައިވެއެވެ. އަދި މި އިންވެސްޓްމަންޓްގެ ސަބަބުން ބޭންކުގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށާއި ޑޮލަރު އިންވެސްޓްކުރި މީހުންނަށްވެސް މާލީގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
ބީއެމްއެލް އިން އަބަދުވެސް ގޮތްތައް ނިންމަނީ ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ވިސްނުމަށްފަހު ކަމަށާއި، ބައެއް ނިންމުންތަކަކީ މަދު ބަޔަކު ހިތްހަމަނުޖެހޭ ނިންމުންތަކަކަށް ވިޔަސް، ބޭންކުން އަބަދުވެސް ބަލާނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި ކާޑުތަކުގެ ލިމިޓް އެންމެ ފުރަތަމަ ހިފަހައްޓަން ފެށީ މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައެވެ. ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިން ކާޑު ބޭނުންކޮށްގެން ކުރާ އޮންލައިން މުއާމަލާތްތަކުގެ ނިސްބަތް އާދަޔާ ހިލަޔަށް އިތުރުވެފައިވާކަން ބޭންކުން ފާހަގަކުރެއެވެ.


