Wednesday, October 21
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެނީ

މާލޭ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހިދުމަތް ދިނުމުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް ހުރީ މާލޭ ސަރަހައްދުގައި ކަމަށާއި، އަލަށް ގާއިމުކުރާ ވަސީލަތްތަކުގެ ސަބަބުން އެކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ތަރައްގީކުރާ ފުލުހުންގެ މަރުކަޒުތައް މިހާރު ހުރީ އެކިއެކި މަރުހަލާތަކުގައެވެ. ބައެއް ރަށްރަށުގައި މަސައްކަތް ފެށިފައި ހުރިއިރު، އެހެން ރަށްރަށުގައި މަޝްރޫއު ފެށުމަށް ސޮއިކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވިޔަސް، އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް އަޅައި ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ބަޖެޓުގެ ތެރެއިން ކަންކަން ފަހިކޮށްދީފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނުދޭ މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމާ އެކު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިދުމަތް ދިނުމަށް މިހާރު ހިންގާ އުމްރާނީ މަޝްރޫއުތައް އަންނަ އަހަރުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ބަލައިގަންނަ ފަދަ އިތުބާރު ހުރި ހިދުމަތެއް ކަށަވަރުކުރުމަށްޓަކައި ގާނޫނީ ބަދަލުތައް ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ފުލުހުން ކުރައްވާ އިހުލާސްތެރި އަދި ގައުމީ މަސައްކަތްތަކުގެ ސަބަބުން މުޖުތަމައުއަށް މާނަހުރި، ދާއިމީ ބަދަލުތަކެއް އަންނަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު