ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގެ ތެރޭގައި މިއަދު ހެނދުނު ހަމަނުޖެހުން ހިންގި މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 6:05 އެހައިކަންހާއިރު އެޕާޓްމަންޓެއްގެ ތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގާކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ގޮސް ބެލިއިރު، އެތަނުން ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، 24 އަހަރާއި 34 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މިހާރު ވަނީ އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ހެކިތައް އެއްކޮށްފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯތަކުން އެތަނުގައި ތިބި މީހުންގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރާއި، ބައެއް މީހުން ގައިގޯޅިކޮށް އުޅޭ މަންޒަރު ފެންނަން ހުއްޓެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




