Monday, October 12
ސިވިލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލް ކޯޓު - ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ޤާޟީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ތިން ޤާޟީއަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ އިޢުލާނުގައިވާ ގޮތުން ސިވިލް ކޯޓުގެ ޤާޟީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސްގެ ގޮތުގައި 1،000ރ. ލިބޭނެއެވެ.

ސިވިލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހުންނަށެވެ. އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތިންއަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ 1 ޖުލައި 2026 ގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު