Monday, November 2
ފިޔާޒާއި ޙަސަންގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދެވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
"އަދަދު" ނޫހުން ޝާއިޢުކުރި "އައިޝާ" ޑޮކިއުމަންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤަޛުފުގެ ދައުވާ އަނބުރާ ގެންދެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑްކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކުރުމުން ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަދަދުގެ ސީއީއޯ ފިޔާޒާއި އެޑިޓަރު ޙަސަނާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދެވުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުތަކެއްކޮށް އުފައްދާފައިވާ "އައިޝާ" ޑޮކިއުމަންޓަރީގެ މައްސަލައިގައި، އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ފިޔާޒާއި އެޑިޓަރު ޙަސަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޤަޛުފުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ. މީގެ އިތުރުން ކޯޓު ޢަމުރާ ޚިލާފުވުމުން އަދަދުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފައެވެ. ޝަހްޒާން ރައީސް އޮފީހުން ނެރުނީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނެވެ. ޝަހްޒާން ސުވާލުކުރީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅުވައިގެންނެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރުކޮށްފައެވެ. އަދި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު