Monday, November 2
ޖަލީލްގެ ޚާއްޞަ ޝުކުރެއް ރައީސް އަދި ޕާޓީގެ ލީޑަރޝިޕާއި މެންބަރުންނަށް

ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާލޭ ސިޓީގެ މޭޔަރގެ މަޤާމަށް ވާދަކުރެއްވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޕީއެންސީގެ ލީޑަރޝިޕް އަދި މެންބަރުން ދެއްވި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

މިގޮތުން ޖަލީލް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ މޭޔަރުކަމުގެ މަޤާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި އަދި މި އިންތިޚާބުގައި އޭނާއަށް ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށާއި، ޕާޓީގެ ލީޑަރޝިޕާއި އެންމެހައި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

ޖަލީލް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް އޭނާއަށް ވޯޓު ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާނުގައި ބަހައްޓަވާނެ ކަމަށެވެ.

އަދި ޖަލީލް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައިފައެވެ.

"ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެދެނީ ފާގަތިކަމާއި ބާއްޖަވެރިކަން ތާއަބަދުމެ މާތްالله މިންވަރުކުރެއްވުން. އާމީން."، ޖަލީލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި މާލޭގެ މޭޔަރުކަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި އެ މަޤާމުގައި މިހާރުވެސް އިންނެވި އާދަމް ޢާޒިމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު