ދިވެހި ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުން ފަސްކޮށްދިނުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓު (އޭ ޑީއެފްޑީ)އިން އެއްބަސްވެފައިވާކަން މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ އެއީ 2017 ވަނަ އަހަރުގެ ހިސާބުގައި އެ ފަންޑަށް ސަރުކާރުން ވިއްކި ސުކޫކެއްގެ ފައިސާ ކަމަށެވެ. އެކަމުގައި ޔޫއޭއީ ސަރުކާރާ މަޝްވަރާކުރެވި އެ ފައިސާ ދެއްކުން ފަސްކުރުމަށް މިހާރު އެއްބަސްވެވިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކުރިން ހަމަޖެހިފައި އޮތީ އޭނާ އެގައުމަށް ޒިޔާރަތްކުރައްވައިގެން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު ފެށިފައިވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެ ދަތުރުކުރެއްވުމުގެ ބަދަލުގައި އޮންލައިންކޮށް އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒަަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަމުންދާ ހުރިހާ ފިޔަވަޅުތަކެއް އިއުލާނުނުކުރި ނަމަވެސް އެކަމުގައި މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އަބޫދާބީ ފަންޑުން ނެގި ލޯނެއް އަދާކުރުން ފަސްކޮށްދީފައިވާއިރު، އިންޑިޔާއިންވަނީ އެ ގައުމުން ދިވެހި ރާއްޖެއަށް ދީފައިވާ ބައެއް ދަރަނި އަދާކުރުން ފަސްކޮށްދިނުމަށް އެއްބަސްވެފައެވެ. އަދި ޗައިނާއިންވެސް އެ ގައުމުން ދޫކުރި ބައެއް ލޯނުތަކާއި ރާއްޖެއަށް ދީފައިވާ ދަރަނި އަދާކުރުމުގައި އެކި ލުއިތައް ހަމަޖައްސައިދީފައިވެއެވެ.
ސަރުކާރުން ދަރަނި އަދާކުރުމުގައި ލުއިތަކެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ހަމަޖެހުނު ލުއިތަކާއެކު މި އަހަރު އެއް ބިލިއަން ޑޮލަރު އަދާކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ އަދަދުވަނީ 600 މިލިއަން ޑޮލަރަށް ދަށްކުރެވިފައެވެ.
ނަތީޖާއެއްގެ ގޮތުން ފާއިތުވި ދެ އަހަރު ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ރިޒާވްގައާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ އިތުރުކުރުމުގެ ސަބަބުން އޭޕްރީލު މަހުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި ދެ ފަންޑުގައި ޖަމާކޮށްފައި ހުރި ފައިސާއިން ދެއްކުމަށްފަހު 150 އެއްހައި މިލިއަން ޑޮލަރު ބާކީވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވެއެވެ.






