އާދިއްތަ, October 25
ރައީސް ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް، 17 ފެބުރުވަރީ 2026 ގައި ބޭއްވެވި އެޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މިދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާން އާއި  ބައްދަލުކުރެއްވިއެވެ.

މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާށް ފަހުއެވެ.

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި، ދެޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުއްވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ސިއްހީ، ތިމާވެށި، މަތީ ތަޢުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު