Monday, November 2
ހޮސްޕިޓަލް ތަރައްގީކުރުމުގެ 39 މަޝްރޫއެއް ކުރިއަށް އެބަދޭ: މިނިސްޓަރ
ސިއްހީ ދާއިރާގައި، ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް އެބަދާކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ. އެގޮތުން އައު ހޮސްޕިޓާތައް ތަރައްގީކުރުމަށް 39 މަޝްރޫއެއް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 22 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އަލަށް 19 ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަށްރަށުގައި މިހާރު ހުރި ހެލްތު ސެންޓަރުތައް އިތުރަށް ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ޖާގަތައް އިތުރުކުރުމަށްޓކައި 89 ސިއްހީ މަރުކަޒެއްގެ ޖާގަ އިތުރުކުރުމުގެ ކުރުން ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް އެތަންތަނުން ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ވަނީ ހިއްސާކުރެއްވިއެވެ.

ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ، މުޅި ހޮސްޕިޓަލް ނިޒާމަކީ ވަށާޖެހޭ ނިޒާމަކުން އެއް ޑިޕާޓްމަންޓެއް އަނެއް ޑިޕާޓްމަންޓަކަށް ބަރޯސާވާ ނިޒާމެއްކަމަށެވެ. އަދި މިއީ އެއް ޕްރޮޖެކްޓް އަނެއް ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ބަރޯސާވާ ވަރަށް ގުޅިލާމެހިފައިވާ ނިޒާމަކުން ނޫނީ ތަރައްޤީނުކުރެވޭނެ ނިޒާމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އަލަށް ފަށަން ރޭވިފައިވާ 22 މަޝްރޫއުގެ ތެރޭގައި އަށް ހޮސްޕިޓަލަކާއި، ފަސް ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރަށް ނުވަ ސިއްހީ މަރުކަޒެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް ނިމޭއިރު އެކި ގިންތީގެ ހޮސްޕިޓާތަކުން ލިބޭނެ ހިދުމަތްތައް ކަނޑައެޅި ވަރަށް ނާދިރު މަދު ހާލަތެއްގައި މެނުވީ މާލެއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭނެ ގޮތަށް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ވިއުގަ ބައްޓަންކުރެވިގެންދާނެ ކަމުގައި ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަތޮޅުތެރޭގެ އުމްރާނީ މަޝްރޫއުތަކަށް ބަލާއިރު އައު ހޮސްޕިޓަލްތައް އެޅުމުގެ 39 މަޝްރޫއު މިވަގުތުވެސް ދަނީ ކުރިއަށެވެ. އަލަށް 19 ސިއްހީ މަރުކަޒެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު 89 މަރުކަޒެއް އެކްސްޓެންޝަން އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. 12 މަޝްރޫއެއް ނިމިފައިވާއިރު އިތުރު 22 މަޝްރޫއެއްގެ މަސައްކަތް ވަނީ ކުރިއަށް ރޭވިފައެވެ. މީގެތެރޭގައި 8 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތާއި، 5 އައު ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެއިތުރުން 9 އެކްސްޓެކްޝަން އަދި އަޕްގްރޭޑިންގެ މަސައްކަތް ވަނީ ރާވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު