Monday, November 2
ސިނގިރޭޓު ވައްކަމާ ޖުވާޔާ ގުޅުން އެބަހުރި: ނާޒިމް

13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ ވައްކަމުގެ ތެރޭގައިވެސް ޖުވާގެ އަމަލުތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް ގެނައި އިސްލާހަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ 2024 ވަނަ އަހަރު ނިމުނުއިރު ދިގު މުއްދަތަކަށް ޖަލަށް ލާފައިތިބި މީހުން ހިންގާފައިވާ ޖަރީމާތައް އާއްމުންނަށް ތިލަވެގެންގޮސްފައިވާކަމަށެވެ.  އޭނާ ވިދާޅުވީ މިކަމުގައި ބައެއް ދިވެހި ކުންފުނިތައްވެސް ބައިވެރިވަމުން އަންނަކަމަށެވެ.

ދާދިފަހުން ހިނގާދިޔަ ވައްކަންތަކުގެ ތެރޭގައިވެސް ޖުވާގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކުރައްވަމުން މެމްބަރު ނާޒިމް ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ވައްކަމުގައި ޝާމިލުވެ، ފައިސާ ލިބުނު މީހުންވަނީ އެފައިސާއިން ޖުވާކުޅެ ނަފާ ހޯދަން މަސައްކަތްކޮށްފައިކަމަށެވެ. ނާޒިމް ފާހަގަކުރެއްވީ ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލައެވެ. މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށްވަނީ ހުށަހަޅާފައެވެ.

"ސިނގިރޭޓު ވައްކަމުގައި ހިމެނޭ މީހުންވެސް ވަނީ އެފައިސާ ބެޓުކޮށް، ޖުވާކުޅެ، އެ ފައިސާއިން ނަފާ ހޯދަން މަސައްކަތްކޮށްފަ. އަދި އޭގެން ނަފާހޯދަން އުޅުމުގެ ތެރޭގައި އެ ފައިސާ ވަނީ ގެއްލިފަ. އަދި ޖުވާކުޅެގެން ހޯދި ފައިސާ އެމީހުންގެ އެކައުންޓުތަކަށް ޖަމާކޮށްދޭން ވަކި ކުންފުނިތަކެއް ހަދާފައިވަނީ " އަޙުމަދު ނާޒިމް

އެމަނިކުފާނު ވިދާޅުވީ، ބޭންކުތަކުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް ޤާނޫނުގައި ކުށް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ގޮންޖެހުންތައް ހުންނަ ކަމަށާއި މިހާރު ހުށަހަޅާފައިވާ އިސްލާޙާއެކު އެކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

" ޖެންޒީއޭ މިކިޔާ ޖީލުގެ ވަރަށް ގިނަ ކުދިން ވަނީ މިކަމުގައި ޖެހިފައި. އަޅުގަނޑުމެންނަށް ފުޓުބޯޅަ ޓީމުތަކުގެ ޖާޒީތަކުންވެސް ފެންނަނީ ބެޓް ކުރާ ކުންފުނިތަކުގެ އިސްތިހާރުތައް. އެއީ، ޒުވާނުން އޭގެތެރެއަށް ވައްދުވަން ވެގެން ކުރާ މަސައްކަތެއްގެ ގޮތުގައި ފުޓުބޯޅަ އިސްތިހާރު ކުރާ ކުންފުނިތަކުންވެސް މި ބޭނުން ކުރަނީ މި ބެޓިން ކުންފުނިތައް. އެކަންކަމުން ޒުވާން ޖީލު ދުރުހެލިކޮށް، އުފެއްދުންތެރިި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާކުރުމަކީ މުހިންމު ކަމެއް. ކުރިއަށް އޮތް ޖީލު އަދި ޤައުމުގެ އިޤްތިސާދު ސަލާމަތް ކުރުމަށް މުހިންމު ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

ބިލަށް ތާޢީދު ކުރައްވާކަން ފާހަގަކުރައްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، މިހާރުވެސް ޤާނޫނުލް ޢުގޫބާތުގައި ނެތް ނަމަވެސް ޖުވާ ކުޅުމަކީ މަނާކަމެއް ކަމަށާއި، ނަމަވެސް ޤާނޫނުލް ޢުގޫބާތުގައި އެކަން ހިމެނުމުން އެފަދަ މައްސަލަތަކުގައި ހުކުމް ކުރަން ފަސޭހަވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިފަދަ ޤާނޫނުތައް ހަދަންވާނީ، ތަންފީޒު ކުރެވެން ޖެހޭނެ ދޮރުތައް ހުޅުވާލައިގެން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޒުވާން ޖީލު އުފެއްދުންތެރި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާ ކުރުމަކީ، މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ ތަޅުމުގައިވަނީ އިއްވާފައެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު