Monday, November 2
މަސްތުވާތަކެއްޗާއި ފައިސާ އާއި އެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (35 ގުރާމް) އަދި 69000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ސ. ފޭދޫ / ޖޭޑް، މުޙައްމަދު ޖާޢިފު ޢަބްދުﷲ (22އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ތ. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ގ. ޑްރީމްހައުސް / މާލެ، ޢަބްދުﷲ ޝަފީޢު

މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޑްރީމްހައުސް / މާލެ، ޢަބްދުﷲ ޝަފީޢު (32އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކިނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކިނބިދޫ ބަނދަރުމަތިންނެވެ.

ޢަބްދުﷲ ޝަފީޢު ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާފައިވެެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 25 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު