ސްކޭމް މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދާ މިންވަރު 37 އިންސައްތައަށް އިތުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިމައްސަލަ ހައްލު ކުރުމަށް، ސްކޭމް ސެންޓަރެއް ޤާއިމްކޮށް ފުލުހުން މަރުކަޒީ ގޮތެއްގައި މިމަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއިދާރާއިން ވަނީ، ސްކޭމް މައްސަލަތައް ހުއްޓުވުމަށް ކުރި މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިފަހުން 10 މަސް ދުވަސް ހޭދަވެފައިވާއިރު، މިހާތަނަށް ޖުމްލަ 1663 މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަތަކުގައި 22.7 މިލިޔަން ރުފިޔާ ގެއްލިފައިވެއެވެ. މީގެ ތެރެއިން ފުލުހުން ވަނީ، 8.5 މިލިޔަން ރުފިޔާ ނުވަތަ ގެއްލުނު ފައިސާގެ 37 އިންސައްތަ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދާފައެވެ. ފުލުހުން ވިދާޅުވީ، މިއަހަރުގެ މާރިޗު މަހު އެންޓި ސްކޭމް ސެންޓަރުން ޚިދުމަތް ދޭން ފެށުމުގެ ކުރިން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އެންމެ 2 އިންސައްތަ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ، 6 މައްސަލައަކަށް ދަޢުވާކޮށް، 662 މައްސަލައަކަށް ޙައްލު ހޯދައިދީ ބަންދުކޮށްފައެވެ.
"މިއީ މިހާރުގެ ދުނިޔޭގައި ކުރިއަރާފައިވާ ހުރި 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރުގެ ނަތީޖާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް. އަޅުގަނޑުމެންގެ ނަތީޖާއާއި ކިރިޔާވެސް ގާތްކުރާ ޤައުމަކަށް އޮތީ ސިންގަޕޫރު. އެ ޤައުމުގައި 1 ބިލިޔަން ޑޮލަރު ސްކޭމަރުން ފޭރިގެންފި. އެބޭފުޅުންގެ މަސައްކަތުން ރިކަވަރ ކުރެވުނީ، 22 އިންސައްތަ. މިހާރު މި ތަރުތީބު ކުރެވިފައިވާ ނިޒާމުގެ ތެރެއިން ހިތްހަމަޖެހޭ މަސައްކަތްތަކެއް އެބަކުރެވޭ. " ނަވީދު ވިދާޅުވިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، ފުލުހުން ފައިސާ އަނބުރާ ހޯދި މިންވަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.




