Monday, November 2
މާފަރުގައި ޤާއިމްކުރި ކަސްޓަމްސްގެ އިމާރާތް ހުޅުވައިފި

ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ހުޅުވައިފިއެވެ. މާފަރުގައި ކަސްޓަމްގެ އައު އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. އިންޓަރނޭޝަނަށް އެއަރޕޯޓެއް އޮންނަ މާފަރުގައި ތަރައްޤީކޮށް ހުޅުވާފައިވަނީ އެރަށުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީސް އިމާރާތެކެވެ. މިއީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިނގި މަޝްރޫޢެކެވެ. ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށް ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް ހަވާލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މާފަރުގައި މިހުޅުވި ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އޮފީހުގައި މައިގަނޑުގޮތެއްގައި ކުރިއަށްދާނީ ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި އެ އެއަރޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާއި ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި، އެކަންކަން ކަންކަން ވިލަރެސް ކުރުމުގެ މަސައްކަތެވެ. 8.66 މިލިޔަން ރުފިޔާގެ މަޝްރޫއެއްގެ ދަށުން ގާއިމްކުރި މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައާއި، 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއަކާއެކު، މީޓިންގ ރޫމެއް ހިމެނޭނެއެވެ. މާފަރުގައި ގާއިމްކުރި މި އިމާރާތަކީ ކަސްޓަމްސްގެ މަސައްކަތަށް އެންމެ އެކަށޭނަގޮތަށް ފަރުމާކުރެވި، ޤާއިމްކުރެވިފައިވާ އިމާރާތެއްކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. މި އިމާރާތާއެކު އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަން ކަސްޓަމްސްއިން ފާހަގަކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު