Monday, November 2
ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒު: ގަވަރުނަރު

ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ޤައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، މި ދެ ސްޓްރެޓެޖީގެ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް ގަވަރުނަރުގެ ވާހަކައިގައި ވަނި އަލިއަޅުވާލާފައެވެ.

މާލީ ނިޒާމުގެ ހަމެޖެހުން ކަށަވަރުކުރުމާއި، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުތައް. ހަމަ މިއާއެކު، އަޅުގަނޑުމެން މިއަދު މި ފެށީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މާލީ ނިޒާމްގެ ދައުރު ފުޅާކުރުމުގެ މަސައްކަތް. މާލީ ޚިދުމަތްތައް ފުޅާކޮށް އަދި ފައިނޭންސް ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުވައިގެން، އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަޞީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފައެވެ."މުނައްވަރު ވިދާޅުވިއެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އެކުލަވާލުމުގައި، ސަރުކާރުގެ ވުޒާރާތަކާއި، މާލީ އިދާރާތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކުން ވެދެއްވި އެހީތެރިކަމަށް އެމް.އެމް.އޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގައި ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓިއަރިންގ ކޮމިޓީގެ ލިޑާޝިޕާއި އިރުޝާދަށް އަދި ޓެކްނިކަލް ކޮމިޓީތައުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މިއަދު އިފްތިތާހު ކުރެވުނު ސްޓެރެޓެޖީތަށް ފާހަގަކުރެވެނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގެ ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވިފައިވާ ތަރައްޤީއަށް އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއަޅާ، އިޤްތިޞާދީ ތަރައްޤީއަށް ބާރުލިބޭ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ މުހިންމު އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު