ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ރިޕޯޓުކުރުމަށް 27 ނޮވެންބަރު 2025 ގައި ކުރި އިޢުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް އަދި އެއް ގެސްޓްހައުސް ހިމެނޭހެން ޖުމުލަ 35 ތަނެއް އިންސްޕެކްޓްކުރެވި، 11 ވިޔަފާރިއެއް ބަންދުކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ވިޔަފާރި ބަންދުކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރީ ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެއެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އިޤުތިޞާދީ ވުޒާރާއިން ބުނީ ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅައިގެން ނުވަތަ އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ވަނީ ރިޕޯޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ވުޒާރާއިން ވަނީ ޝުކުރު ދަންނަވައިފައެވެ.
"މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ގަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، ރާއްޖޭގައި ވިޔަފާރިތައް ހިންގުމަށްޓަކައި އިންސާފުވެރި އަދި ވާދަވެރި ވިޔަފާރީގެ މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަން"، އިޤުތިޞާދީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.






