ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކަޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ލ.ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހު 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ލޯންޗު މާވަށު ބަނދަރަށް ކައިރި ކުރި ލޯންޗެއްގެ ތެރެއިންނެވެ.
ލޯންޗުގައި އެވަގުތު އިން މުޙައްމަދު ޢަލީ ވިޝާހު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މިމައްސަލަ މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.





