Tuesday, October 6
އޯގަސްޓް މަހު 129 ބިދޭސީން ޑީޕޯޓުކޮށްފި

އެކި ސަބަބުތަކާ ހުރެ 129 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހު 129 ބިދޭސީން ވަނީ އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންނާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެވެ.

ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ ޤައުމުތަކަށް ފޮނުވާލާފައެވެ. އެގޮތުން އޯގަސްޓް މަހު، ސިއްޙީ ސަބަބުތަކާހުރެ 28 މީހަކު ޤައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ވަނީ ފޮނުވާލާފައެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 25 ތަނެއްގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފަވާއިރު ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯކް ވިސާގެ އިތުރުންވެސް ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރެއެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހު ވިޔަފާރި ވިސާ 1،150 މީހަކަށް ދޫކޮށްފައިވާއިރު ޑިޕެންޑެންޓް ވިސާ 287 މީހަކަށް، ޚާއްސަ ވިސާ 140 މީހަކަށް، ސްޓޫޑެންޓް ވިސާ 31 މީހަކަށް، ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ވަނީ ދޫކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު