Wednesday, October 21
މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން، ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމާލެ ފޭސް 1ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެއެވެ. މީގެ އިތުރުން 6 ވަޅި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރު އާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު